ހއ. ވަށަފަރުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އެ ރަށުގައި މި ސަރުކާރުން އިމާރާތްކުރި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ. ޖުމްލަ 19.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 16 ފެބުރުވަރީ 2023 ގައެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ވަށަފަރުގައި ކުރިން ބޭނުންކުރަމުންދިޔަ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގައި ގާއިމުކުރި މި އައު އިމާރާތުގައި ފުރިހަމަ ވަސީލަތްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮޓަރިތަކާއި، ކުއްލި ހާލަތްތަކުގައި ފަރުވާދޭނެ އިމަޖެންސީ ރޫމެއްގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފަރުވާދެވޭނެ އެޑްމިޓްކުރާ ވޯޑުތައް ވަނީ ހަދާފައެވެ.
މީގެއިތުރުން، ޒަމާނީ ފެންވަރުގެ ލެބޯޓްރީގެ ހިދުމަތް ދެވޭނެ ޖާގައާއި، ފާމަސީ، އިދާރީ މަސައްކަތްތަކަށް ބޭނުންވާ އޮފީސް ބައި އަދި ސްޓޯރާއި ޔުޓިލިޓީ ރޫމްތައްވެސް މި އިމާރާތުގައި ވަނީ ތަރައްގީކޮށްފައެވެ. މި މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތްތަކާއި، ސްޓްރަކްޗަރަލް އަދި ފިނިޝިން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު މިހާރު ވަނީ ނިންމާލެވިފައެވެ.
އާބާދީގައި 500 އެއްހާ މީހުން ރަޖިސްޓްރީވެފައިވާ ވަށަފަރުގައި، މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެންމެ 5 އެނދުގެ ޖާގައިގެ މަރުކަޒަކުންނެވެ. އަދި މި މަރުކަޒުގައި ހިދުމަތް ދެމުންދަނީ އެންމެ މެޑިކަލް އޮފިސަރަކާއެކު 16 ގަޑިއިރަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި އެކި ކަހަލަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވެއެވެ
މި އައު އިމާރާތުން ރަސްމީކޮށް ހިދުމަތް ދޭން ފެށުމުން، ވަށަފަރުގެ ރައްޔިތުންނަށާއި އަދި އެ ސަރަހައްދުގެ ކައިރި ރަށްރަށުން ސިއްހީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.