ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓުގެ ވިޔަފާރީގެ ބިލަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި ހުށަހެޅުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ތާއީދު ކުރެއްވިއިރު، އެ ހުށަހެޅުން ފާސްވެގެން ދިޔައީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަމީރު އެ ހުށަހެޅުން ހުށަހެޅުއްވި ނަމަވެސް، އެ ދުވަހުގެ ބައްދަލުވުމުގައި އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ނުކުރެއްވުމާ ގުޅިގެން ވޯޓަކަށް ނުދެއެވެ.
ނަމަވެސް މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޝުޖާއު ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާނީ މައިނޯރިޓީގެ އަޑުއަހައި އެފަރާތްތަކަށް އިހުތިރާމް ކޮށްގެން ކަމަށެވެ. އެހެންކަމުން މެންބަރު ސަމީރު ހުށަހެޅުއްވި ހުށަހެޅުމަކީ، މުހިންމު އަދި ރަނގަޅު ހުށަހެޅުމެއްގެ ގޮތުގައި ބަލައިގަނެ، އެކަން ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މެންބަރު ޝުޖާއު ވިދާޅުވީ، ޕާޓީތަކާއި ޖަމިއްޔާތަކުން މަޖިލީހަށް ލިޔުމުން ފޮނުވަން ޖެހޭނީ ސީދާ ބިލަށް ހުށަހަޅާ ޚިޔާލުތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ބިލާ ގުޅޭގޮތުން ކޮމެންޓްކުރަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް ލިޔުން ފޮނުވުމުން، އެ ފަރާތްތައް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށް ސީދާ ބައްދަލުވުމުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު މަޖިލީހުން ފަހިކޮށްދޭނެއެވެ.
އާންމު އުސޫލުން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ޚިޔާލު ހޯދަން ދެނީ 7 ދުވަހުގެ މުއްދަތެއް ނަމަވެސް، ރިއަލް އެސްޓޭޓް ބިލަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާއި ކަންބޮޑުވުންތައް ހިމެނޭނެ ބިލަކަށްވާތީ 14 ދުވަހުގެ މުއްދަތެއް ދޭން ނިންމީ ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ހޯދުމުގެ ބޭނުމުގައި ކަންވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މެންބަރު އާޒިމްގެ ހުށަހެޅުއްވުމާއި އެއްގޮތަށް، ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކުގެ އަލީގައި ކަމާގުޅޭ ވުޒާރާތަކާ ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ކުރިން ނިންމާފައި އޮތީ ބިލާ ގުޅުންހުރި މުއައްސަސާތަކުން ލިޔުމުން އެކަނި ޚިޔާލު ހޯދުމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެ ނިންމުންވެސް ވަނީ މުރާޖައާކޮށް ބަދަލުކޮށްފައެވެ. އެގޮތުން ކަމާބެހޭ މުއައްސަސާތައް ސީދާ ކޮމިޓީއަށް ހާޒިރުކޮށް، ބިލާ ގުޅޭގޮތުން މެންބަރުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ، މި ދާއިރާގައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް، ސަރުކާރާއި ރައްޔިތުންނަށްވެސް މި ސިނާޢަތުން ފައިދާ ހޯދައިދިނުމެވެ. ބިލުގައި ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެވިޔަފާރީ ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ އުސޫލުތައް ބަޔާން ކުރުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި އެފަރާތްތަކުގެ ޒިންމާތަކާއި ހައްޤުތައް ބަޔާންކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.