ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" މޫދު ފެތުމުގެ ސިލްސިލާ ހަރަކާތުގެ މިއަހަރުގެ ދެވަނަ މުބާރާތް މި މަހުގެ 27 ވާ ބުރާސްފަތި ދުވަހު ކ. ގުރައިދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތަކީ ދިވެހިންގެ މާޒީއާއި ސަގާފަތާ ގުޅިފައިވާ ތާރީޚީ އާދަކާދައެއް ދިރުވައި، މިހާރުގެ ޖީލުތަކާ އެ ގުޅުން އަލުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ކުރީގެ ޒަމާނުގައި ރަށްރަށުގައި ފާލަމާއި ބަނދަރު ނެތް ދުވަސްވަރު، ދަތުރުކުރާ އޮޑިދޯފަހަރު ރަށުގެ ފަޅަށް ނުވަދެވި ބޭރުގައި އަޅަންޖެހުމުން ރަށަށް އަރަނީ ފަތާފައެވެ. އެހެންކަމުން މި މުބާރާތް ވެސް ފަރުމާކޮށްފައިވަނީ ރަށާ 500 މީޓަރު ބޭރުގައި އަޅާފައި އޮންނަ އޮޑިއަކުން ފެތުންތެރިން ފުންމާލައިގެން ފަތާފައި ގޮނޑުދޮށަށް އަރާ ގޮތަށެވެ.

މި މުބާރާތުގެ ފުރަތަމަ އިވެންޓް ވިލިމާލޭގައި ކާމިޔާބުކަމާއެކު ބޭއްވުނީ 100 ފެތުންތެރިންނާއެކުގައެވެ. އެ މުބާރާތަށް ލިބުނު ބޮޑު ތަރުހީބާއެކު، ގުރައިދޫގައި ބާއްވާ މުބާރާތުގައި 6 އަހަރާއި 70 އަހަރާ ދެމެދުގެ 150 އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންގެ ކެޓަގަރީން ގުރައިދޫގެ 25 ފެތުންތެރިންނާއި، ރަށުން ބޭރުން ބައިވެރިވާ 100 ފެތުންތެރިން ހިމެނެއެވެ. މީގެ އިތުރުން ޓީމު ރީލޭ ބައިގައި 25 ޓީމަކުން، ކޮންމެ ޓީމެއްގައި 2 ފެތުންތެރިންގެ މަގުން ޖުމްލަ 50 ފެތުންތެރިން ވާދަކުރާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މުބާރާތް ފެށުމުގެ ކުރިން، ނޮވެމްބަރު 26 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 އިން ހަވީރު 5:00 އަށް ގުރައިދޫގައި ޚާއްސަ އެކްސްޕޯއެއް ކުރިއަށްދާނެއެވެ. މި އެކްސްޕޯގައި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކަމަށްވާ އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުންވެސް އަމަލީ ގޮތުން ބައިވެރިވާނެއެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅިވަރު ހަރަކާތެއްގެ އިތުރުން ރަށުގެ އިގްތިސާދަށާއި ކުދި ވިޔަފާރިތަކަށް ދިރުން ގެނެސްދީ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭނެ އިވެންޓެކެވެ. އެގޮތުން އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ ޒަރޫރީ ސާމާނު ހަދިޔާކުރުމަށް ވެސް ނިންމާފައެވެ.

ސްވިމް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، މި އަހަރުގެ ކާމިޔާބީއަށްފަހު އަންނަ އަހަރު ރާއްޖޭގެ އެހެން ރަށްރަށަށްވެސް "އޮޑިން ރަށަށް" މުބާރާތް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.