ހުޅުމާލެ ޕޮލިސް ފޯރަމް 2026 މިއަދު ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމަކީ ހުޅުމާލެ ޕޮލިހުން އަންނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ.

މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ.

އިޝްތިހާރު އިޝްތިހާރު

ފޯރަމްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، މި ފޯރަމަކީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް މި އޮތް އަހަރު ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރު ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލެވޭނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއުއިން މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމާއި، މުޖުތަމައުގެ ބައިވެރިވުމާއި، ކުންމަދު ކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެއިތުރުން މޮނިޓަރިން އަދި އިވެލުއޭޝަން ކަރަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ފޯރަމްގައި ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.