ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލަގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ތިންވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.

މި އަމަލަށް ހިތްވަރުދީ މީސްމީޑިއާގައި ޕޯސްޓެއް ޝާއިއުކޮށްފައިވަނީ، އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން އެވެ.

އޭނާ އިނގިރޭސި ބަހުން ހިއްސާކުރި ޕޯސްޓުގައި، ދައުލަތުގެ އެ މުހިންމު ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބަކާމެދު ސުވާލު އުފައްދައި، އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގާނޫނާ ހިލާފު މި އަމަލާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އޭނާ ހައްޔަރުކުރީ ފުވައްމުލަކުންނެވެ. އޭނާގެ ބަންދަށް އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ޖެހި 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ދެވަނަ ފަހަރަށް ދިނީ 14 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި ތިންވަނަ ފަހަރަށް މިހާރު ވަނީ އިތުރު 16 ދުވަސް ޖަހާފަ އެވެ.

ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރުދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. މިފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެ އެވެ.