އުމްރާއަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއްވާ ގޮތުގައި، އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި، އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ވިދާޅުވީ، އަސްކޮއެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހުން ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް އެގްރޫޕުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ތަފާތު ވައްތަރުގެ ސްކޭމްއާއި، ޚިޔާނާތުގެ މައްސަލަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.