މޯލްޑިވްސް ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރު ތެރޭ ފަށާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް މުސާރައިގެ ވަރަށް ހެޔޮ ބަދަލެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނެސްދެއްވާފައިވާ ކަމަށެވެ. އަދި މި ބާވަތުގެ މުހިންމު ހައްސާސް މަސައްކަތްތައް ކުރާ މުވައްޒަފުންގެ މުސާރަ ހުންނަން ޖެހޭ މިންވަރަށް މިހާރު އައިސްފައިވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
"ދައުލަތުގެ ބަޖެޓާއި ފިސްކަލް ކަންތައް ހުރި ހާލަތަށް ބަލާފައި، އުނދަގޫކަމެއް، އެހެން ނަމަވެސް ރައީސް ވަނީ ތިބޭފުޅުން ކުރައްވާ މަަސައްކަތްޕުޅު ބައްލަވައިގެންފައި، އޭގެ އަގު ވަޒަން ކުރައްވާފައި،".
އަދި ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށިގެންދާނެ ކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، ހުޅުމާލޭގައި އެކަމަށް ހާއްސަކޮށްފައިވާ ބިމުގައި ފްލެޓްތައް އެޅި، މިހާރު ވަޒީފާއި ތިބި މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެން ދާނެ ކަމަށެވެ.
"އަންނަ އަހަރަކީ އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު، ފުރަތަމަ ކުއާޓަރު ތެރޭގައި، އަމަލީ މަސައްކަތްތައް މާނައަކީ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެއްޓޭ ވަރަށް އެތަނުގެ މަސައްކަތްތައް ބައްޓަން ކުރުން،".
ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވާދެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް، ކަސްޓަމްސްއަށް 100 ފްލެޓް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މި ނިންމެވުމުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 85 ފްލެޓާއި، ދެ ކޮޓަރީގެ 15 ފްލެޓެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.