މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ ފުރިހަމައަށް ޤާނޫނު ތަންފީޒުކުރާ މުއައްސަސާއަކަށް ހެދުމަށްޓަކައި އެ އިދާރާގެ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރުކުރުމުގެ ގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން އިސްލާޙީ ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި، މިހާރު ކަސްޓަމްސްއިން ބަލަހައްޓަމުންދާ ފައިސާއާ ގުޅުންހުރި ކަންކަން މާލީ ވުޒާރާގެ މިންގަނޑުތަކަށް ބަދަލުކުރެވިގެންދާނެ ކަމަށާއި، ދެވަނަ ފިޔަވަހީގައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކަސްޓަމްސްގެ މުޅި ފޯކަސް ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުސްކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފާއިތުވި ތިން އަހަރަކީ ކަސްޓަމްސްއިން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދި ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތް މިންވަރު 35 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން ހިންގާ "ކޮންޓްރޯލްޑް ޑެލިވަރީ" ފަދަ އިންޓެލިޖެންސަށް ބިނާކޮށް ހިންގާ އޮޕަރޭޝަންތަކަކީ ޒަމާނީ އިދާރާއެއްގެ ގޮތުގައި ކަސްޓަމްސް ކުރިއަރަމުން އަންނަކަމުގެ ހެއްކެއް ކަމުގައިވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން، އޮޕަރޭޝަންތަކުގެ ހަރުދަނާކަން އިތުރުކުރުމަށް ޑްރޯން ޓެކްނޮލޮޖީ އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޑްރޯންގެ ސަބަބުން ކަނޑުމަތީގެ ސަރަހައްދުތަކާއި ވާސިލުވާން އުނދަގޫ ތަންތަން މޮނިޓަރކުރުމަށް ފަސޭހަވެގެންދާއިރު، ބޮޑީވޯން ކެމެރާއިން މުވައްޒަފުންގެ ރައްކާތެރިކަމާއި އަމާނާތްތެރިކަން އިތުރަށް ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ އަދި ކަނޑުގެ ބަނދަރުތައް އިތުރުވަމުން އަންނައިރު މުވައްޒަފުންގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި، ވަޒީރު އިޙްސާން ވަނީ މުވައްޒަފުން އަދާކުރާ ނާޒުކު އަދި ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަސްޓަމްސްގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.