ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވެ، ދުންފުހުގެ އަސަރު ބޮޑުވެފައިވާއިރު، މިއަދު ވެރިރަށް މާލެއާއި ކުޅުދުއްފުށީ ސިޓީގެ ވައިގެ ފެންވަރު ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށަށް ގޮސްފިއެވެ.
ދުނިޔޭގެ ވައިގެ ފެންވަރު ވަޒަންކުރާ "އައިކިއުއެއާ"ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް ހުރީ 159 ގައެވެ. އަދި ވިލިމާލޭގެ އިންޑެކްސް 160 ގައި ހުރިއިރު، އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ އުތުރުގެ މައި ރަށް ކަމަށްވާ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގެ ރޭޓިން ހުރީ 165 ގައެވެ. ވައިގެ ފެންވަރު ބަލާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު މިއީ "އަންހެލްތީ" ނުވަތަ އާންމު ސިއްހަތަށް ގެއްލުންހުރި މިންވަރެކެވެ.
އާންމު ގޮތެއްގައި ވައިގެ ފެންވަރު އެންމެ ރަނގަޅު ކަމަށް ބެލެވެނީ އިންޑެކްސް 50 އަށް ވުރެ ދަށުގައި ހުންނަ ނަމައެވެ. 51 އާއި 100 އާ ދެމެދަކީ އެކަށީގެންވާ މިންވަރެއް ކަމުގައި ބެލެވުނު ނަމަވެސް، 101 އާއި 150 އާ ދެމެދަކީ ވައިގެ ފެންވަރު ދަށް މިންވަރެކެވެ. އަދި 151 އާއި 200 އާ ދެމެދުގެ މިންވަރަކީ ނުހަނު ބޮޑަށް ވައި ތަޣައްޔަރުވެ، ސިއްހަތަށް ސީދާ ނުރައްކާވާ މިންގަނޑެކެވެ. އެހެންނަމަވެސް، މިއަދުގެ މެންދުރުފަހުން ފެށިގެން މާލޭ ސަރަހައްދުގެ ވައިގެ ފެންވަރު މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް އައިކިއުއެއާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ތަހައްމަލުކުރަން ޖެހިފައިވާ ދުންފިނީގެ އަސަރު ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމިގެންދާނެއެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ކުރިއަށް އޮތް ތިން ދުވަހު މި އަސަރު އިތުރަށް ވަރުގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައިގެ ފެންވަރު އިންތިހާއަށް ދަށަށް ގޮސްފައިވާތީ، އޭގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް، ބޭރުތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ނޭވާހިއްލުމާއި އެލާޖީގެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން މި ދުވަސްވަރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އެގޮތުން، ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި، ބޭރުތެރޭގައި ގިނަ ވަގުތު ހޭދަނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.