މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ މުއައްސަސާގެ ޚިދުމަތުގައި ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފިއެވެ. މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، ކުރިމަގުގައި ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. އަދި އަލަށް ތަޢާރަފްކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"މީގެ ސަބަބުން ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުވެ، ބައިނަލްއަޤުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަޙައްދުތައް މޮނިޓަރކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަކުރެވިގެންދާނެ،" ކޮމިޝަނަރ ޖެނެރަލް
ކަސްޓަމްސް ޚިދުމަތުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ޚާއްޞަ ފޮތެއްވެސް ވަނީ ނެރެފައެވެ. "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތުގައި ކަސްޓަމްސްގެ ތާރީޚާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހިމަނާފައިވެއެވެ.
މި ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފައެވެ. އެގޮތުން، ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ ’ރައީސުލްޖުމްހޫރިއްޔާގެ ކުލަ‘ 4 އޮފިސަރަކަށް ވަނީ އަރުވާފައެވެ. މީގެ އިތުރުން ކަސްޓަމްސްއަށް 20 އަހަރު ޚިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އަރުވާފައިވާއިރު، ޚިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ދެއްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.