ޕޯސްޓު މެދުވެރިކޮށް ދެ ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްގެ މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރި ޕޯސްޓުތަކެއްގައި ބުނެފައިވާ ގޮތުން ފާއިތުވި އޮކްޓޯބަރު 29 ވަނަ ދުވަހުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ފުރަތަމަ ޝިޕްމެންޓުގައި 2.12 ކިލޯ ހުއްޓެވެ.
މިތަކެތި އަތުލައިގަތީ އޮކްޓޯބަރު 29، 2026 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރެއިން އޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އޭގެ ފަހުން އޮކްޓޯބަރު 31 ވަނަ ދުވަހުގައި އިތުރު ޝިޕްމެންޓެއް ކަސްޓަމްސްއިން އަތުލައިގަތެވެ. ވީއައިއޭއިން އަތުލައިގަތް މި ޝިޕްމެންޓު ފެނުނީ ކޫރިއާއެއް މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ޖުމްލަ 3.15 ކިލޯގެ ބަރުދަނުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، މި ދެ ޝިޕްމެންޓުގައިވެސް ހުރީ ސިންތެޓިކް ކެތިނޯނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖެއިން އަތުލައިގަންނަ ސިންތެޓިކް ޑްރަގުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.