ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެ ކުދިންގެ މަޢުލޫމާތާއި ފޮޓޯ އަދި ވަނަވަރު މީޑިއާގެ މަންސަތަކުގައި އާންމުނުކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މަޢުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޢާއިލާއާއި ޖަމާޢަތާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭކަން އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާގޮތުން ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން އެ ނޫން ވެސް ސަބަބަކާ ހުރެ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ޒާތީ މަޢުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް ނުވަތަ ފޮޓޮއެއް މީޑިއާއެއްގައި ނުވަތަ އެހެން ވަސީލަތެއްގައި ޝާއިޢުކުރުން މަނާކޮށްފައި ވަނީ އެ ކުދިންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ކަމަށް ބަޔާނުގައި ވެއެވެ.

"ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް މަޢުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް. މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން އެނގޭނެ މަޢުލޫމާތާއި ފޮޓޯ އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުން ޤާނޫނުން މަނާކުރަނީ ކުދިންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި،" ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ބަޔާނުގައިވެއެވެ.

އެ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، އާންމުން ދެކޭ ގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެހެން ބޭނުމަކަށްވިޔަސް، މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުން ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއަކަށްވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އާންމުނުކުރުމަށް ވަނީ އަންގަވާފައެވެ.

ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މަޢުލޫމާތާއި ފޮޓޯ މީސްމީޑިއާގައި އާންމުކުރުމަކީ ޤާނޫނީ ގޮތުން ކުށެއްގެ އިތުރުން، ކުއްޖާގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެކެވެ.