މުޖުތަމަޢުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މިންވަރަށް ބަލައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ހެލްތު އެންޑް ފެމިލީ އެކްސްޕޯ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމުގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ. އަދި އާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ބަދަހިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ވަޒީރު ޤީލާ އިތުރަށް ވިދާޅުވީ، ފުރިހަމަ ސިއްޙަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެކަތިގަނޑަކަށްވެ މަސައްކަތް ކުރަންޖެހޭ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެފައިވާއިރު، ކުރީގެ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިމަގު ބައްޓަންކުރުމުގެ ވިސްނުން ބަހައްޓަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުންނެވެ. މިދިޔަ އަހަރު ބޭއްވި ސިއްޙީ އެކްސްޕޯއަށް ދުވާލެއްގެ މައްޗަށް 10000 މީހުން ޒިޔާރަތްކޮށްފައިވެއެވެ.

ސިއްޙީ ދާއިރާއަށް ޒަމާނީ ފަންނުވެރިކަމާއި އައު ޓެކްނޮލޮޖީ ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އެކްސްޕޯއިން ފެންނާނެ އައު ޚިދުމަތްތަކާއި ވަސީލަތްތަކަކީ މި އަމާޒަށް ވާސިލުވުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށާއި، އިންތިޒާމު ކުރުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިއަށްވުރެ ފުޅާކޮށް މި ހަރަކާތް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.