މާލޭގެ މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެފަދަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމީ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހެލްތު މިނިސްޓަރު ގީލާ އަލީއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މެންބަރު ކުޑޫ މި ސިޓީ ފޮނުއްވާފައި ވަނީ މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އާންމުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި ފުލުހުންގެ އިދާރާ ކުރިމަތީގައި މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެ މީހާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށާއި މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި އެއީ އޭނާ ވެސް އަމިއްލައަށް ތަޖުރިބާ ކުރައްވަމުންދާ ކަމެއްގެ ގޮތުގައި ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއެކު މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި މުއާމަލާތު ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. ކޮންމެ ރައްޔިތަކަށް ވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ރައްކާތެރި މާހައުލެއް ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.
ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލާތްތަކުގައި ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެއް އޮންނަކަން މެންބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގައި ވެސް މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު އުނދަގޫ ކުރާ މީހުންގެ މައްސަލައަކީ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ސީދާ ގުޅިފައިވާ ކަމެކެވެ. މިއީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އޮތް ކަމަކަށްވާތީ ކަމާބެހޭ ވުޒާރާތަކުން ލަސްނުކޮށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.