ހުޅުމާލެ ފޭސް ދޭއްގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލުގައި ފާހަގަކުރެއްވީ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމަކީ ރައްޔިތުން އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޓްރީޓޮޕްގެ އަގުތައް ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށްވުރެވެސް ބޮޑުކަން ފާހަގަކުރެވޭތީ، އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި އަގުތައް ކުޑަކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާތޯ މެންބަރު ސުވާލުކުރެއްވިއެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 500 އެނދުގެ ޚިދުމަތްދޭ މަރުކަޒެއް ކަމަށާއި، މި މަޝްރޫއަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި ބިން ހަމަޖެހުމާއެކު، ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިގޮތުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ ޓެކްނިކަލް ރިކުއާމަންޓްސް ކަނޑައެޅުމާއި، ލިބޭނެ ޚިދުމަތްތައް ޕްލޭންކުރުމާއި، އިންޖިނިއަރިން ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަ ސްޕެޝަލިޓީ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.