ހުޅުމާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތަށް، ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި އަންނަ އާދިއްތަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ބުނީ، މި ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއީ ހުޅުމާލޭގެ މަގުތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މަގު މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 ން ރޭގަނޑު 10:00 ޖެހުމާ ހަމައަށެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ރޯލަރުގެ ވައިބްރޭޝަން އިހުސާސްވުމުގެ އިތުރުން ހިރަފުސް އެރުން އެކަށީގެންވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެހެންކަމުން އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުންނާއި މަގު ބޭނުންކުރާ އާންމުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.

މިފަދަ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.