ރ. ފައިނު އަދި ހދ. ވައިކަރަދޫގައި ފަތާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ޖުމްލަ 65.19 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުގެ ދަށުން ފައިނުގައި 5300 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ކޮނުމާއި، 218 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމުގެ އިތުރުން 80 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

ވައިކަރަދޫގައި ކުރިއަށްދާނެ މަސައްކަތްތަކުގެ ތެރޭގައި 3900 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުމާއި، 28000 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން އެ ރަށުގައި 393 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި 152 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން އެ ރަށްރަށުގެ އެކި އުމުރުފުރައިގެ މީހުންނަށް ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް ހިތްގައިމު ފަތާ ސަރަހައްދެއް ލިބިގެންދާނެއެވެ. މިއީ އެ ރަށްރަށުގެ އިޖުތިމާއީ ތަރައްގީއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމުގައި އެމްޓީސީސީން ދެކެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގައިފައެވެ.