ޖުމްލަ 320.18 މިލިއަން ރުފިޔާގެ މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ
ރާއްޖޭގެ ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 320.18 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ދަރުބާރުގޭގައެވެ. މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހއ. ތުރާކުނު، އއ. މާޅޮސް، ނ. މިލަދޫ، ހއ. ވަށަފަރު އަދި ހދ. ނައިވާދޫގައެވެ.
މި މަޝްރޫޢުގެ ދަށުން ހއ. ތުރާކުނުގައި 340 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމާއެކު 4 ފިޝްޓެއިލް ގްރޮއިންސް ޖެހުމާއި 318 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އއ. މާޅޮހުގައި 8000 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ކޮނުމާއި، 67,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށަށް ވެލިއެޅުމާއި، 222 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ އިތުރުން 419 މީޓަރުގެ ގްރޮއިން ޖެހުމާއި 73 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ނ. މިލަދޫގައި 1190 މީޓަރުގެ ސޭންޑް ބަންޑެއް ހެދުމާއި، ސިލްޓް ސްކްރީނެއް ހެދުމާއި، 10,150 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ކޮނުމުގެ މަސައްކަތް ކުރާނެއެވެ. މީގެއިތުރުން 114,200 ކިއުބިކް މީޓަރުގެ ބަނދަރު ފުންކޮށް ބިން ހިއްކުމާއި، 1303 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 157 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި 35 މީޓަރުގެ ސަބްމާރޖްޑް ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެއެވެ.
ހއ. ވަށަފަރުގައި 12,200 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، 17,200 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 20 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެއިތުރުން އެ ރަށުގައި 310 މީޓަރުގެ ގްރޮއިން ޖެހުމާއި 185 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ހދ. ނައިވާދޫގައި 22,715 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ ގޮނޑުދޮށަށް ވެލިއެޅުމާއި، 20 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 128 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް މި ރަށްތަކުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ އެ ރަށްތަކުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް ލިބޭނެ މުހިންމު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ދެކެއެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.