އަށް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފިއެވެ.

ރާއްޖޭގެ 8 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ޖުމްލަ 732.68 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

އިޝްތިހާރު އިޝްތިހާރު

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ދަރުބާރުގޭގައެވެ. މި މަޝްރޫޢުގެ ދަށުން ށ. ކޮމަންޑޫ، އދ. ހަންޏާމީދޫ، ކ. މާފުށި، ނ. މާޅެންދޫ، ބ. ކަމަދޫ، ރ. އަނގޮޅިތީމު، ތ. ވަންދޫ އަދި ރ. ވާދޫގެ މަގުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ށ. ކޮމަންޑޫގެ 2.73 ކިލޯމީޓަރުގެ 3 މަގާއި، ކ. މާފުށީގެ 1.76 ކިލޯމީޓަރުގެ 17 މަގާއި، ނ. މާޅެންދޫގެ 2.08 ކިލޯމީޓަރުގެ 6 މަގުގެ އިތުރުން ރ. އަނގޮޅިތީމުގެ 3.11 ކިލޯމީޓަރުގެ 10 މަގުގައި ސަބްބޭސް އަޅައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތ. ވަންދޫގެ 2.43 ކިލޯމީޓަރުގެ 5 މަގާއި ރ. ވާދޫގެ 2.21 ކިލޯމީޓަރުގެ 3 މަގުގައިވެސް ސަބްބޭސް އަޅައި ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ.

މީގެއިތުރުން އދ. ހަންޏާމީދޫގެ 1.57 ކިލޯމީޓަރުގެ 6 މަގާއި ބ. ކަމަދޫގެ 3.79 ކިލޯމީޓަރުގެ 12 މަގުގައި ސިމެންތި ޓްރީޓެޑް ބޭސް (ސީޓީބީ) އާއެކު ވެލި އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.