ރާއްޖޭގެ 6 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިއަދު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ। އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ।
މި މަޝްރޫޢުގެ ދަށުން ބަނދަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ތ. ވިލުފުއްޓާއި، ގއ. ކަނޑުހުޅުދޫގެ އިތުރުން ނ. ހޮޅުމީދޫއާއި، ކ. ތުލުސްދޫއާއި، ތ. ކަނޑޫދޫ އަދި ގއ. ނިލަންދޫގައެވެ. މި 06 ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 651.78 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން ތ. ވިލުފުށީގައި 153,170 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން އާއި ނެރު ފުންކުރުމާއި، 629 މީޓަރުގެ އެއްގަމުތޮއްޓަކާއި 613 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ. އަދި ގއ. ކަނޑުހުޅުދޫގައި 70,230 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއެކު 105 މީޓަރުގެ އެއްގަމުތޮއްޓަކާއި، ތަފާތު ބްރިޖްތަކާއި ޖެޓީ ހެދުމުގެ މަސައްކަތް ކުރާނެއެވެ.
ނ. ހޮޅުމީދޫގައި 28,890 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް 286 މީޓަރުގެ ބޭރުތޮށި ލުމަށް ހަމަޖެހިފައިވާއިރު، ކ. ތުލުސްދޫގައި 1.41 ހެކްޓަރުގެ ބިން ހިއްކުމާއި 49,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން ހިމެނެއެވެ. މީގެއިތުރުން ތ. ކަނޑޫދޫގައި 75,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، ގއ. ނިލަންދޫގައި 109,989 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަޝްރޫޢުތައް ނިމުމުން ބަނދަރުތަކުގެ ޖާގަ ތަނަވަސްވެ، އުޅަނދުފަހަރު އެޅުމާއި މުދާ އަރުވައި ބޭލުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.