މާލެ އަތޮޅުގެ ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދުގެ ކެޕްޓަން ފިހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު ގާތްގަނޑަކަށް 3:00 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަލިފާން ރޯވި ވަގުތު އެ ލޯންޗުގައި ހުރީ ވެސް އޭނާ އެކަންޏެވެ. މި ހާދިސާގައި އޭނާގެ ކަރާއި މޭމަތީގެ އެކި ތަންތަން ފިހިފައިވާތީ، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މި އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:30 ހާއިރުއެވެ. މި ހާދިސާގައި ލޯންޗަށް އެކިވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.