ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ދައުލަތަށް މާލީ މަންފާއެއް ލިބޭނެ ގޮތަށް އެ މަސައްކަތްތައް ބައްޓަންކުރުމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ ކަށަވަރުކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން 70 ބިމެއް ހިއްކާފައިވާ ކަމަށެވެ. މި ބިންތަކުގެ ޖުމްލަ ބޮޑުމިން 2،500 ހެކްޓަރަށްވުރެ މަތިވާއިރު، އެ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓުން 19 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނިޔާޒީ ވިދާޅުވި ގޮތުގައި، ގިނަ ރަށްރަށުގައި ބިން ހިއްކާފައި އޮތް ނަމަވެސް، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމުނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ ބިންތައް ދިރިއުޅުމަށާއި ސިނާޢީ ބޭނުންތަކަށް އެކަށީގެންވާ ގޮތެއްގައި ބޭނުމެއް ނުކުރެވެއެވެ.
މި ބިންތައް ކޮމާޝަލް ކޮމްޕޯނެންޓެއް ލައިގެން ހިއްކަންވީ، އެހެންނޫނީ ރަންގަނޑެކޭ ރިހިގަނޑެކޭ ތަފާތެއް ނެތް.
އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ނިޔާޒީ ފާހަގަކުރެއްވީ "ބިންވެރިޔާ ސްކީމް" އެވެ. އެގޮތުން އެ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން މާކެޓް އަގު 15 ބިލިއަން ރުފިޔާއަށް އަރާ 1،400 ބިން ދޫކޮށްފައިވާކަން ފާހަގަކުރައްވައި، އެފަދަ ބިންތަކުން ދައުލަތަށް ޢާމްދަނީ ލިބޭނެ ގޮތްތަކެއް ރޭވިނަމަ، ފާއިތުވި 20 ނުވަތަ 30 އަހަރު ބިން ހިއްކަން ކުރި ޚަރަދު އަނބުރާ ހޯދުނީސް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، އެމްއޭސީއެލްގެ މާލީ ޙާލަތު ރަނގަޅުވުމުން އެ އޮފީހުން އެކަމާ ގުޅޭ ރައުޔެއް ދީފައިވާނެ ކަމަށެވެ. އަދި ދައުލަތުގެ ކަންކަން ހިންގުމުގައި ހާމަކަން ބޮޑުކުރުމުގެ ގޮތުން، މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ބަޔާންކުރުމަށް އޮޑިޓް ރިޕޯޓުގެ ނޯޓްސްގައި ހިމަނާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.