2023 ވަނަ އަހަރު ނިމުނުއިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ނުލިބިވާކަން އެ އިދާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި މި ރިޕޯޓަކީ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލައި ތައްޔާރުކޮށްފައިވާ އޮޑިޓެކެވެ. މިގޮތުން އެ މުއައްސަސާއަށް ލިބެންހުރި ބޮޑެތި ޢަދަދުތަކުގެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވޭތުވެފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމްސް ސަރވިސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމުގެ އުސޫލު ތަންފީޒުކުރި ކަމުގައިވިޔަސް، 31 ޑިސެމްބަރ 2023 އާ ހަމައަށް ޖުމްލަ 461،016،716 ރުފިޔާ ނުލިބި ޖަމާވެފައިވެއެވެ. އަދި އޮޑިޓްގެ ބޭނުމަށް 2025 ވަނަ އަހަރުގެ މެއި މަހު މަޢުލޫމާތު އެއްކުރި މަރުޙަލާގައި، އެ ޢަދަދުގެ ތެރެއިން ދައްކާފައިވަނީ އެންމެ 10،164،272 ރުފިޔާ ކަމަށްވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ނުލިބި ހުރި ފައިސާގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ އިމްޕޯޓް ޑިއުޓީއެވެ. އެއީ 435.8 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 21.1 މިލިއަން ރުފިޔާއާއި، ރެވެނިއު ފީގެ ގޮތުގައި ދައްކަންޖެހޭ 1.9 މިލިއަން ރުފިޔާއާއި، ރޯޔަލްޓީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިއަން ރުފިޔާ އަދި ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ އެކި ފީތަކުން ނުލިބިވާ 92،203 ރުފިޔާ މި ޢަދަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހިސާބުތަކަށް ބަލާއިރު، ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ އެ ފައިސާ އެ އިދާރާއަށް ދެއްކުމަށް އެކިއެކި ފަރާތްތަކުގެ މައްޗަށް ޝަރުޢީ ކޯޓުތަކުން ޙުކުމްކޮށްފައިވާ ފައިސާއެވެ.

އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި ކަސްޓަމްސްއަށް ނުދައްކައި ހުރި ފައިސާގެ ތެރޭގައި އެތައް އަހަރެއް ވެފައިވާ ފައިސާ ހިމެނެއެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު، ނުލިބިވާ ފައިސާގެ ތެރެއިން 135 މިލިއަން ރުފިޔާއަކީ ނުލިބޭތާ 3 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ފައިސާ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އެ ފައިސާތައް ވީހާވެސް އަވަހަކަށް ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަސްޓަމްސްއަށް އިރުޝާދު ދީފައެވެ. އެގޮތުން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް މެދުނުކެނޑި އެޅުމަށާއި، އެ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން ފައިސާ ހޯދުމަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ގުޅުންހުރި އިދާރާތަކާ ގުޅިގެން ޤަވާޢިދުތަކާއި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަނީ ބާރުއަޅާފައެވެ.