ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އަޅާފައި އޮތް ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް މާލޭގެ ފަރަށް އެރުމަށްފަހު ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާއާ ގުޅިގެން، ތަންފީޒީ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ، ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން އޮޔާ ގޮސްގެންނެވެ.

މި މައްސަލަ ހިމެނޭހެން، ސަލާމަތީ ދާއިރާގެ އެހެން ބައެއް މައްސަލަތަކާ ގުޅިގެން ތަންފީޒީ އިދާރާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އެވެ. މިއަދު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި މި ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިގު (ޓޮމް) ތާއީދުކުރެއްވިއެވެ.

ޣަފޫރުގެ ހުށަހެޅުއްވުމުގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމެވެ. މީގެއިތުރުން، ފުލުހުންނާއި ސިފައިންގެ ބައެއް މެންބަރުންގެ ފުރާނަ ގެއްލުނު ހާދިސާތަކާއި، ވަގަށް ރާއްޖެއަށް ވަދެ އުޅުނު ދެ ބޯޓުގެ މައްސަލައާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ހާޒިރުކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. މި ދެ ހުށަހެޅުއްވުމަށްވެސް ތޯރިގު ތާއީދުކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ބައްދަލުވުމުގައި ޣަފޫރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުންގެ ޢާއިލާތަކަށް އިންސާފު ލިބެން ޖެހޭނެއެވެ. އަދި މިކަމުގައި އެޅިފައި ހުރި ފިޔަވަޅުތަކެއް ހުންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޣަފޫރު ފާހަގަކުރެއްވި ހާދިސާތަކާ ގުޅިގެން އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. މީގެއިތުރުން، އިއްޔެ ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުންވެސް މަޢުލޫމާތު ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޠާރިގު ފާހަގަކުރެއްވީ، ބައެއް ސިފައިންނާއި ފުލުހުން ކަނޑުމަތީގެ ހާދިސާތަކުގައި ނިޔާވީ، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް ހޯދައި، އެ ދެ އިދާރާގެ އަތުގައި ކޮންކޮން ވަސީލަތްތަކެއް ނެތީމަތޯ ބަލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، އެ ދެ އިދާރާގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކުރުމުން، މެންބަރުންގެ މި ހުށަހެޅުންތަކާ މެދު ކޮމިޓީން ނިންމި ގޮތެއް ސާފެއް ނުވެއެވެ.