ޕްރޮސެސްކޮށްގެން ބޭރުކުރި މަހުގެ މިންވަރަށް ވަނީ %12 ގެ ކުރިއެރުމެއް އައިސްފައިވާއިރު މި ހިނގާ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު 23،000 ޓަނަށް އަރާފައިވާކަން މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާކިޔާއިރު ދަށަށް ގޮސްފައިވާ މިންވަރެކެވެ.
މި އަހަރުގެ ފުރަތަމަ އަށް މަހު ޕްރޮސެސްކުރި މަހުގެ ގޮތުގައި 1،254 މެޓްރިކް ޓަނު އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 1،118 މެޓްރިކް ޓަނެވެ.
އެމްއެމްއޭގެ މަހުން މަހަށް ނެރޭ ތަފާސްހިސާބު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ އަށް މަހު ރާއްޖެއިން ޖުމްލަ އެކްސްޕޯޓްކޮށްފައިވަނީ 23،554 މެޓްރިކް ޓަނުގެ މަހެވެ. މި މުއްދަތުގައި އެންމެ ބޮޑު ބައެއް ހިއްސާކުރީ ފިނިކުރި އަދި ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
އެގޮތުން، ތާޒާ އަދި ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ އަށް މަހު ބޭރުކޮށްފައިވަނީ 18،237 މެޓްރިކް ޓަނެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ބާވަތުގެ މަސް ބޭރުކުރި އަދަދު ހުރީ 51،649 މެޓްރިކް ޓަނުގައެވެ.
މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި ކަޅުބިލަމަހުގެ މިންވަރަކީ 14،404 މެޓްރިކް ޓަނެވެ. އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު އުޅެނީ 3،430 މެޓްރިކް ޓަނުގައެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޅުމަސް ބޭރުކުރި މިންވަރަކީ 4،081 މެޓްރިކް ޓަނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފައިސާ ވަންނަ އެއް ދާއިރާއަކަށް މަސްވެރިކަން ހެދުމާއެކު، އެ ދާއިރާ އިތުރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވެރިކަމުގެ ފުރަތަމަ 3 އަހަރު ތެރޭގައި ހައްލުކުރުމަށްޓަކައި، މަސްވެރިކަމާ ގުޅޭ ވަސީލަތްތައް ފުޅާކޮށް ޒަމާނީ ކުރުމުގެ މަސައްކަތްތައް ދަނީ ހިނގަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.