އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކޮށް، އެ މަނިކުފާނުގެ މުސާރަ 95،000 ރުފިޔާއަށް ވުރެ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބަދަލާއެކު އުއްތަމަ ފަނޑިޔާރަށް މަހަކު ޖުމުލަ 95،125 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ މަހަކު 91،000 ރުފިޔާއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ.

އިޝްތިހާރު އިޝްތިހާރު

މަމްދޫހު ވިދާޅުވި ގޮތުގައި، މި ބަދަލު ހުށަހެޅުއްވީ ދައުލަތުގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ދިނުމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތައް މުރާޖާކޮށް، ޚާއްޞަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށް މަމްދޫހު ހުށަހެޅުއްވިއެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އެލަވަންސް އިތުރުކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިމުނު ބުދަ ދުވަހުވެސް ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މަޢުލޫމާތުތަކަށް ބަލާއިރު، މަޖިލީހުގެ ރައީސަށް މިހާރު ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރަކަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.