ދިވެހި ރައްޔިތުންގެ ޙައްޤުތައް އެކުލެވޭ އެފަދަ ބޮޑެތި ފައިސާތައް މާފުކޮށްދިނުމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާޙުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދައުލަތަށް ލިބެން ޖެހޭ ފައިދާ އާއި އާމްދަނީ އެންމެ އެދެވޭ ގޮތުގައި ނުލިބި ހިފެހެއްޓިފައި ހުންނަ މައިގަނޑު ސަބަބަކީ ބޮޑެތި ބައެއް ވިޔަފާރިވެރިން ސިޔާސީ ނުފޫޒުގެ ބޭނުން ހިފައިގެން ޓެކްސް ނުދައްކައި ލަސްކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ބައެއް ވިޔަފާރިވެރިން އެކި ބަހަނާތަކާއި އެޕީލްތައް ދައްކައިގެން 5 އަހަރު ހޭދަކުރުމަށްފަހު، ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ކުޑަ ފައިސާކޮޅެއް ދީގެން ޓެކްސް ދެއްކުމުން ރެކިގަންނަ ކަމަށެވެ. ޚާއްޞަކޮށް އިންތިޚާބުގެ ދެ ބުރު ދޭތެރޭގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މާފުކޮށްދޭ މަންޒަރު ފެނިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ރަށްރަށުގެ އަސާސީ ޚިދުމަތްތަކާއި ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ހުށަހެޅިފައިވާ އިސްލާޙަކީ ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް ޤާނޫނީ އިތުރު ބާރުވެރިކަން ލިބިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.