ތިނަދޫ ސިޓީގައި ހިނގައިދިޔަ ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން މުވައްޒަފަކު ކުށްވެރިވެއްޖެނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދީފިއެވެ.

މި ނޫސްބަޔާން ނެރެފައި ވަނީ ތިނަދޫގައި ހިނގި ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން އެ ކޯޕަރޭޝަނަށް ރައްދުވާގޮތަށް މީސްމީޑިއާގައި ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. ވެމްކޯއިން ވަނީ އެފަދަ ނޭއްގާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަންކަން ނޫން ކަމަށް ބުނެފައެވެ.

މަސައްކަތުގެ މާހައުލުގައާއި އެ މާހައުލުން ބޭރުގައި ވެސް މުވައްޒަފުންގެ އަހުލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ އެ ކޯޕަރޭޝަންގެ އިންސާނީ ވަސީލަތްތަކާ ބެހޭ ސިޔާސަތުގެ އަސާސީ މަގުސަދެކެވެ. އެ ސިޔާސަތު ފަރުމާކުރެވިފައި ވަނީ އަހުލާގީ މިންގަނޑުން ބޭރުވެ، ނޭއްގާނީ ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށެވެ.

އިޝްތިހާރު އިޝްތިހާރު

ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ، ތަހުގީގީ އިދާރާއަކުން އެއްވެސް މުވައްޒަފަކަށް އެފަދަ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، ޤަވާޢިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުންޏެވެ. އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށެވެ.