ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައުމަށް ފާސްކުރީ 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެންބަރުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހޮނިހިރު ދުވަހު ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ.

މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން ނަމަ، ގަރާރެއް ބަލައިގަތުމާމެދު މެންބަރުންގެ މެދުގައި ވޯޓަށް އަހަނީ އެ ގަރާރަކަށް އާންމު ބަހުސް ކުރުމަށް ފަހުގައެވެ. އަދި މަޖިލީހުން އެ ގަރާރު ބަލައިގަންނަން ފާސްވެއްޖެ ނަމަ، ދިރާސާކުރުމުގެ މަރުހަލާއަށް ކަމާގުޅޭ ކޮމިޓީއަކަށް ފޮނުވައެވެ.

އިޝްތިހާރު އިޝްތިހާރު

އަލަށް ގެނައި އިސްލާހުގައި ކަނޑައަޅާފައިވަނީ، މަޖިލީހަށް ހުށަހެޅޭ ގަރާރަކަށް އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ވެސް، އެ ގަރާރު ބަލައިގަތުމާމެދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހަންވާނެ ކަމަށެވެ. އެގޮތުން ނެގޭ ވޯޓުން އެ ގަރާރެއް ބަލައިގަތުމަށް ފާސްނުވެއްޖެނަމަ، ގަރާރު ބާތިލުވެ، އެއާމެދު އިތުރު އެއްވެސް ބަހުސެއް ނުހިނގާނެއެވެ. ނަމަވެސް ގަރާރު ބަލައިގަތުމަށް މަޖިލީހުން ފާސްވެއްޖެ ހާލަތެއްގައި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަކަށް ފޮނުވޭނެއެވެ.

ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހެޅުނު އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ގަރާރެއް ހުށަހެޅުއްވުމުގެ އިހުތިޔާރު ލިބިގެންވެއެވެ. އަދި ބިލަކާއި ގަރާރެއްގެ މެދުގައިވާ މައިގަނޑު ފަރަގުތަކުގެ ތެރޭގައި، ބިލާ ހިލާފަށް ގަރާރުގައި ދީބާޖާއެއް ހިމެނުމާއި، އެ ވަގުތަކު މަޖިލީހުގައި ބަހުސް ހިނގަމުންދާ ވަކި ހާއްސަ މައުލޫއަކަށް އެކަނި އަމާޒުވެފައިވާ އެއްޗަކަށް ގަރާރު ވާންނުޖެހުން ހިމެނޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.