ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކަައުންސިިލްގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަޅާފައިވާ ދެ ޕެޓިޝަނަށް ބަހުސްކުރުމުގެ ވަގުތުގެ ގޮތުގައި ކޮންމެ ޕެޓިޝަނަކަށް 1 ގަޑިއިރު، ޖުމްލަ 2 ގަޑިއިރުގެ ވަގުތެއް ކަނޑައަޅައި ބަހުސް ފަށައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ބިލު ފާސް ނުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނަށް 2،300 އަށް ވުރެ ގިނަ ސޮއި ލިބުންއިރު ބިލު ފާސްކުރުމަށް ގޮވާލައި ހުށަހެޅި ހުށަހެޅި ޕެޓިޝަނަށް 10،150 ސޮއި ވަނީ ހަމަވެފައެވެ. އެހެންކަމުން ދެ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭ ވަރަށް ސޮއި ލިިބިފައިވާތީ ރޭ ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީން ނިންމީ ކޮންމެ ޕެޓިޝަނަކަށް ގަޑިއިރެއްގެ ވަގުތު ބަހުސްކުރުމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމިއްލަގޮތުން މެމްބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކުގެ މައިގަނޑު ސަބަބެއްކަމަށް ބުނެފައިވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ. މީގެއިތުރުން، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމެވެ.
މި ބިލުގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށްޓަކައި އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިފަދަ ނިންމުމެއް ނިންމައި ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެެ.
މީގެ އިތުރަށް ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބިމަކަށް އެދިއްޖެނަމަ ކައުންސިލުން އެ ބިމެއް ގައުމީ އިދާރާއާ ހަވާލުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަކީވެސް ލާޒިމްކަމެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން މަނާކުރާ މާއްދާއެއް ބިލުގައި ހިމަނާފައިވާއިރު މަޤުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު