ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ރިޕޯޓަށް ބައެއް މެންބަރުން 23 އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ކޮމިޓީން، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި އެ ރިޕޯޓަށް ބަހުސްކުރުމަށް މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ މެންބަރަކަށް ވެސް ލިބިވަޑައިގަންނަވަނީ ހަތް މިނެޓުގެ ވަގުތެކެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓަށް 23 އިސްލާހެއް މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމުގެ ތަފުސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. އަބްދުއްރަހީމް ވިދާޅުވީ، މުޅި ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން، ހުށަހެޅިފައިވާ އިސްލާހުތައް ފާސްކުރުމާމެދު ވަކިވަކިން ވޯޓަށް އަހާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ފަރުމާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށް ފަށާފައިވާ މަސައްކަތްތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިންމައިލެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ.

މި އަހަރުގެ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރަށް ލަފާކޮށްފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެކެވެ.

ބަޖެޓުގެ ތަފުސީލުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް ޖުމްލަ 43.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާ
ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރާ 9.1 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349.3 މިލިއަން ރުފިޔާ
އަންނަ އަހަރު ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ޖުމްލަ ހަރަދަކީ 52.6 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އިތުރުވުމެއް އަންނާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދަށެވެ. މި އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 9.8 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އަދި ރިކަރަންޓް ހަރަދަށް މި އަހަރު 42.5 ބިލިއަން ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އެ އަދަދު ހުންނާނީ 42.7 ބިލިއަންގައެވެ. މީގެއިތުރުން އެހެނިހެން ހޭދައިގެ ގޮތުގައި މި އަހަރު 14.8 ބިލިއަން ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ ބައި 7.1 ބިލިއަނަށް ކުޑަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ޑެފިސިޓަކީ 7.5 ބިލިއަން ރުފިޔާއެވެ.

މި ޑެފިސިޓު ފޫބެއްދުމަށް ފައިސާ ހޯދުމުގައި އެތެރޭގެ ދަރަނި ކުޑަކުރުމަށް ވަނީ އިސްކަންދީފައެވެ. އެގޮތުން، މި އަހަރު އެތެރޭގެ ބާޒާރުން 19.2 ބިލިއަން ރުފިޔާގެ ދަރަނި ނަގާއިރު، އަންނަ އަހަރު އެ އަދަދު 11.9 ބިލިއަން ރުފިޔާއަށް ދަށްކުރަން ވަނީ ހިމަނާފައެވެ. އަދި ބޭރުގެ ފަރާތްތަކުން މި އަހަރު 5.3 ބިލިއަން ރުފިޔާ ހޯދަން ލަފާކޮށްފައިވާއިރު، އަންނަ އަހަރު ބޭރުން 6.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.