2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ އިއްތިފާގުން ނިންމައިފިއެވެ.

އާންމު ކޮމިޓީން ނިންމާފައިވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ގޮތަށް، ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓު، ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރާއިރު ކޮންމެ މެންބަރަކަށް 7 މިނެޓު، އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާއެވެ.

އިޝްތިހާރު އިޝްތިހާރު

މި ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.