ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރަމުން ދިޔައީ ރާއްޖޭގެ އިޤްތިޞާދު އިސާހިތަކު އިނދަޖެހިދާނެ ކަމަށެވެ.
ނަމަވެސް، ހަރުދަނާ ފިޔަވަޅުތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓުން ހާމަވަނީ، ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ މާލީ އިސްތިޤްލާލާއި، ޑިޖިޓަލް ޒަމާނީ ތަރައްޤީއާ ދިމާލަށް ކަމެވެ.
ދަރަނީގެ ބުރައިން ސަލާމަތްވެ، މާލީ އިތުބާރު ހޯދުން
މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ޢަދަދަކުން ދަރަނި ޚަލާޞްކުރި އަހަރެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ލޮޅުން އެރި ކަމުގައިވިޔަސް، މިއަހަރު ނިމޭއިރު 11.7 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން ދައްކައި ނިންމާނެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އަންނަ އަހަރު ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭނީ އެންމެ 4.5 ބިލިއަން ރުފިޔާއެވެ. ރަސްމީ ރިޒާވް ވަރުގަދަކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވި، ބައިނަލްއަޤްވާމީ އިދާރާތަކުގެ އިތުބާރު ވަނީ އަލުން ހޯދިފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6.8 އިންސައްތައިން ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
ގެދޮރުވެރިކަމުގެ އުންމީދުތައް ޙަޤީޤަތަކަށް
ދިވެހި ކޮންމެ ރައްޔިތަކަށް ފަހި ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިގޮތުން، ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.
މާލެ ސަރަޙައްދުގައި ހިނގަމުންދާ ބޮޑެތި ހައުސިންގ މަޝްރޫޢުތަކާއި، އަތޮޅުތަކުގައި ފަށާފައިވާ ފްލެޓާއި ރޯހައުސްތަކުގެ މަސައްކަތްތައް ނިންމުމަށް ބަޖެޓުން ބޮޑު ޢަދަދެއް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، އަމިއްލަ ބިމުގައި ގެދޮރު ޢިމާރާތްކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ލުއި އިންޓްރެސްޓް ރޭޓުގައި ދޫކުރާ ހައުސިންގ ލޯނު ސްކީމުތައް އިތުރަށް ފުޅާކޮށް، ދިވެހިންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މަޝްރޫޢުތައް މަޑުޖެހުމުގެ ޝަކުވާއަށް ނިމުމެއް: އަމާޒަކީ 70 އިންސައްތަ ނިންމުން
ކޮންމެ އަހަރަކު ބަޖެޓު ފާސްވާއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެށިފައި ހުންނަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމެވެ. އަންނަ އަހަރުގެ ބަޖެޓުން މިކަމަށް ވަނީ އިންގިލާބީ ޙައްލެއް ގެނެސްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަކީ، އައު މަޝްރޫޢުތައް ފެށުމުގެ ކުރިން، މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނާ ޙަވާލުކުރުމެވެ. ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅައި، މި ޢަމަލީ ނަތީޖާ ނެރުމަށް ބަޖެޓުގައި ވަނީ އިސްކަންދީފައެވެ.
'މޯލްޑިވްސް 2.0': ޑިޖިޓަލް ޚިދުމަތްތަކާއި ޒަމާނީ އިންޤިލާބު
ސަރުކާރު ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ބޮޑެތި މަޝްރޫޢުތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި:
-
ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު: ޤައުމުގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުން
-
ސްމާޓް އައިޑީ ކާޑު: ޒަމާނީ ޑިޖިޓަލް އައިޑެންޓިފިކޭޝަން ނިޒާމަކުން ޚިދުމަތްތައް ހޯދުމަށް މަގުފަހިކުރުން
-
ސްމާޓް ޓްރެފިކް އެންފޯސްމަންޓް: މާލޭގެ ޓްރެފިކް މައްސަލައަށް އޭއައި ބޭނުންކޮށްގެން ދާއިމީ ޙައްލެއް ހޯދުން.
-
އެސްއެމްއީތަކަށް ދިރުން: ވަޒީފާ ހޯދާ ބައެއްގެ ބަދަލުގައި ވަޒީފާ އުފައްދާ ޖީލެއް
ޒުވާނުންނަކީ ވަޒީފާއަށް އެދޭ ބައެއްގެ ބަދަލުގައި، ވަޒީފާގެ ފުރުޞަތުތައް އުފައްދާ ވިޔަފާރިވެރިންނަށް ހެދުމަށްޓަކައި 'އެސްއެމްއީ ސްޓާޓްއަޕް ފަންޑު' މި ބަޖެޓުގައި ވަނީ ތަޢާރަފުކޮށްފައެވެ.
މީގެއިތުރުން ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޖީއެސްޓީ ރަޖިސްޓްރޭޝަން ތްރެޝްހޯލްޑް 1 މިލިއަނުން 1.5 މިލިއަން ރުފިޔާއަށް ވަނީ މަތިކޮށްފައެވެ. އަދި އައްޑޫ ސިޓީގައި ޤާއިމުކުރާ 'އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން' މެދުވެރިކޮށް ބިމުކުއްޔާއި ޓެކުހުގެ ބޮޑެތި ލުއިތަކެއް ދީގެން ސަރަޙައްދީ އިޤްތިޞާދު ކުރިއެރުވުމަށް ވަނީ ރޭވިފައެވެ.
ޚަރަދު ކުޑަ، ދެމެހެއްޓެނިވި ބަޖެޓެއް
މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ މަދުކޮށް، ދަޢުލަތުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އަމާޒުހިފާފައިވާ މި ބަޖެޓަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ފަދައިން "ދިވެހިންގެ މާދަމާގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްޤީ ކަށަވަރުކޮށްދޭނެ" ހަރުދަނާ ބަޖެޓެކެވެ.
މިއީ އިޤްތިޞާދީ އަނދަވަޅަކުން ޤައުމު ސަލާމަތްކޮށް، އުޖާލާ މުސްތަޤުބަލަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެ ބިންގަލެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.