ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަފަހަރަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނޫޙު ނިޔާޒު (20އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އިތުރު 30 ދުވަހަށް ބަންދު ކުރުމަށް، ނަޖުމުﷲ ޙަސަން (35އ) 45 ދުވަހަށް ބަންދުކުރުމަށް އަދި މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އިތުރު 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

މީގެެ އިތުރުން ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) 90 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.