ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މިޙާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، މި ޙާދިސާގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާ ހިނގާފައިވަނީ ލޮސް ޔެބެނެސް އަދި އުރްދާ ރަށާ ދެމެދު އޮންނަ ރޭލު މަގުގައެވެ. ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އެކްސިޑެންޓްވި 2 ރޭލުގައި ޖުމްލަ 500 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ.

މީގެ ތެރޭގައި ހިމެނެނީ "އިރިއޯ" ރޭލުގައި ތިބި 147 ފަސިންޖަރުންނާއި، "އޭވީއީ" ރޭލުގައި ދަތުރުކުރި 397 ފަސިންޖަރުންނެވެ. މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރޭލުގެ ބައެއް ބައިތައް ފުރޮޅާލައި، މެޑްރިޑާއި އަންދަލޫސިއާ ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ޚިދުމަތް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މިއީ މިއަހަރުގެ ތެރޭގައި ސްޕެއިންގައި މިފަދަ ބާރު ދުވެލީގެ ރޭލެއް އެކްސިޑެންޓްވި ދެވަނަ ފަހަރެވެ. މި އަހަރުގެ ޖެނުއަރީ މަހު ހިނގި މި ހާދިސާގައިވެސް 45 މީހުން ވަނީ މަރުވެފައެވެ.