ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް މަސައްކަތުގެ މާޙައުލުން އެކަށޭނަ ފުރުޞަތުތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ އިތުބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ. މި ބައްދަލުވުމުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނަކާއި އޭނާގެ މަންމަ ވަނީ އެފަދަ ފަރާތްތަކުން މުޖުތަމަޢުގެ ތެރޭގައި ތަޙައްމަލުކުރަންޖެހޭ ތަފާތު ގޮންޖެހުންތަކުގެ ވާހަކަ ރައީސާ ޙިއްޞާކޮށްފައެވެ.
ވަކިން ޚާއްޞަކޮށް، ވަޒީފާއެއް ހޯދުމުގައި ކުރިމަތިވާ ހުރަސްތަކުގެ ތަފްޞީލު އެ ޒުވާނާއާއި އޭނާގެ މަންމަ ވަނީ އެމަނިކުފާނަށް އަރުވާފައެވެ. އެގޮތުން، ވަޒީފާއަށް ބޭނުންވާ ތަޢުލީމީ ފެންވަރު ހުރިނަމަވެސް ބައެއް މުއައްސަސާތަކުން ފުރުޞަތު ދިނުމުގައި ފަސްޖެހޭކަން އެ ފަރާތުން ފާހަގަކުރިއެވެ. މީގެއިތުރުން، އިންޓަވިއުއަށް ހާޒިރުވުމަށްފަހު ވަޒީފާގެ އެއްވެސް އިތުރު މަޢުލޫމާތެއް ނުލިބި ދިގުލައިގެންދާ މައްސަލަވެސް އެ ފަރާތުން ރައީސާ ޙިއްޞާކުރެއްވިއެވެ.
މި ކަންކަމަށް އިޖާބަދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަކީ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަކުވެސް ބާކީނުވާނެފަދަ މުޖުތަމަޢެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ލަނޑުދަނޑި ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރާއްޖޭގައި ދިރިއުޅޭ ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތައް ބާރުވެރިކުރުމުގެ މަޤްޞަދުގައި، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް ޚާއްޞަ ޤައުމީ މަޝްރޫޢެއް އަންނަ އަހަރު ފެށުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ބަޔާންކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދެމެހެއްޓެނިވި ޙައްލެއް ގެނެސްދިނުމެވެ.
މި ޤައުމީ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ މުޖުތަމަޢުގައި އުޅޭ އެފަދަ ހުރިހާ ފަރާތްތަކަކަށްވެސް އެއްވެސް ހުރަހަކާ ނުލައި އަސާސީ ޚިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މި މަސައްކަތުގެ ސަބަބުން ޞިއްޙީ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދަކީ އެއްވެސް ރައްޔިތަކު އެކަހެރިނުކޮށް، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތުތައް ފަހިވެފައިވާ، އޯގާތެރި އަދި އެންމެން ގުޅިގެން ދިރިއުޅޭ މުޖުތަމަޢެއް ރާއްޖޭގައި ބިނާކުރުން ކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.