ސަރުކާރުން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބައިވެރިވި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ވަނީ އެމީހުންނަށް ދިމާވާ ތަކުލީފުތައް ރައީސްއަށް ހިއްސާކޮށްފައެވެ. އެގޮތުން އެމީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކާތެރި ކަމެއް ހިނގި ނަމަވެސް، އަޑުއިވުމުން މަހުރޫމްވެފައި ތިބުމުގެ ސަބަބުން އެކަންކަން ދެނެގަތުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާކަން އެ ދެމަފިރިން ފާހަގަކުރިއެވެ. އަދި ސްކޫލްތަކުގައި މުދައްރިސުންނާ މުޢާމަލާތް ކުރުމުގައިވެސް ދަތިތަކެއް ހުރިކަން އެފަރާތުން ފާހަގަކުރިއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، މި ސަރުކާރުން ތަރައްޤީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެނގޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. މީގެއިތުރުން ސްކޫލްތަކުގައިވެސް އެކްސެސްބިލިޓީ ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ސްކޫލްގައާއި ދިރިއުޅޭ މާހައުލުގައި އެކްސެސްބިލިޓީ ޤާއިމްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނަން،” ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އެކި ފަރާތްތަކުންވެސް ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ. އެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ކަންކަން ބައްލަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“ރައްޔިތުންގެ އަޑު” ސިލްސިލާއަކީ ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން ސީދާ ރައީސް މުޢިއްޒުއާ ވަކިވަކިން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ މި ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވެވޭގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ސިލްސިލާގައި ވަކިވަކި ދާއިރާތަކަށް ނިސްބަތްވާ ގޮތަށް ބައިވެރިވުމުގެ ފުރުސަތު ދަނީ ހުޅުވާލަމުންނެވެ. އެގޮތުން ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވާލާފައިވަނީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.










ކިޔުންތެރިންގެ ހިޔާލު