ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނަށް އަމާޒުކޮށްގެން، ވާހަކަދެއްކުމުގެ ހުނަރާއި މީޑިއާއާ މުއާމަލާތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް "އިންފޯކަސް: ޕޮލިސް ކޮމިއުނިކޭޝަން" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. 2026 ނޮވެންބަރު 5 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގެ މަލްޓިޕަރޕަސް ހޯލުގައި ޕޮލިސް މީޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ފުލުހުން ނޫސްވެރިންނާއި އާންމު ރައްޔިތުންނާ މުއާމަލާތްކުރުމުގައި ފަންނުވެރިކަން ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
މި ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ހެޑް އޮފް ޕޮލިސް މީޑިއާ، އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޢަލީއެވެ. އަދި ޝަރަފުވެރި މެހެމާނު މުޙައްމަދު ޙުސައިން ޝަރީފްވެސް ވަނީ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅުދެއްކަވާފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަންގައި އަލިއަޅުވާލާފައިވަނީ ޕަބްލިކް ސްޕީކިންގ ހުނަރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް ތައްޔާރުވުމުގެ މައްޗަށެވެ. އެގޮތުން ޕަބްލިކް ސްޕީކިންގ ސެޝަން ނަންގަވައިދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މި ސެޝަންގައި އާންމުންނާ މުހާތަބުކުރާއިރު ސާފުކޮށް އަދި އިތުބާރާއެކު މުއާމަލާތްކުރުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދެވުނެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ޖިނާޙް އެވެ. މި ސެޝަންތައް ނަންގަވައިދެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
ވޯކްޝޮޕްގެ މެންދުރުފަހުގެ ދަންފަޅި ހާއްސަކޮށްފައިވަނީ ފުލުހުންގެ މީޑިއާ ޕޮލިސީއާއި ޕްރެސް ބްރީފިންގތައް ދިނުމުގެ އަމަލީ ތަޖުރިބާއަށެވެ. މި ސެޝަންތައް ނަންގަވައިދެއްވީ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް އެންޑް ކޮންޓެންޓް ޓީމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ފިރާޒްގެ އިތުރުން ޕޮލިސް މީޑިއާ ޓީމުގެ މެމްބަރުންނެވެ. މި ބައިގައި ފުލުހުންގެ މީޑިއާ ޕޮލިސީއާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަމާއި، މީޑިއާއަށް ތެދު މައުލޫމާތު އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމާއި، އާންމުންގެ ސަމާލުކަން ލިބޭ ފަދަ ހާދިސާތަކުގައި މުއާމަލާތްކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ޕްރެސް ބްރީފިންގތަކަށް ތައްޔާރުވެ އަމަލީގޮތުން ފަރިތަކުރުންތައް ކުރިއަށްގެންދިޔައެވެ.
މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި، ފުލުހުންގެ ކޮމިއުނިކޭޝަން ހުނަރުތައް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިފަދަ ޕްރޮގްރާމެއް އިންތިޒާމުކުރިކަމަށްޓަކައި ޕޮލިސް މީޑިއާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިމަގުގައި އެހެނިހެން ފުލުހުންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމްގެ އޮނިގަނޑާއި ހިންގާ ގޮތް އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ލަފާތަކެއް ކޮމިޝަނަރ ދެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.