ހަފުތާއެއްހާ ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ތަފާތު އޮޅުވާލުންތަކުގެ ޒަރީއާއިން 737،695.26 ރުފިޔާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ބޭރު ފައިސާ ބަދަލުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ މަކަރުހެދުންތައް ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި، ހިނގަމުންދާ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ސްކޭމްގެ ޖުމްލަ 32 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޖުމްލަ އަދަދު 737،695 ރުފިޔާއަށް އަރާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، މިފަދަ އޮޅުވާލުންތަކުގައި ގެއްލޭ ފައިސާ ހޯދައި އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށް ކުރެވުނު މަސައްކަތުން، އެ މުއްދަތުގައި ގެއްލުނު ފައިސާގެ ތެރެއިން 144،558 ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި މަކަރުހެދުންތައް ހިންގުމަށްޓަކައި އޮންލައިން މެސެޖިން އެޕްލިކޭޝަންތަކާއި އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓިކްޓޮކާއި ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން، އައިބޭ ފަދަ އޮންލައިން ވިޔަފާރި ޕޯޓަލްތަކާއި ޒާތީ މައުލޫމާތު ވަގަށް ނަގާ ފިޝިން ލިންކުތައްވެސް ހިމެނެއެވެ.

އެ ހަ ދުވަހުގެ ތެރޭގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ ސްކޭމްތަކެވެ. އަދި އޮންލައިން ވިޔަފާރީގެ 6 މައްސަލައަކާއި، އިންވެސްޓްމަންޓްގެ ނަމުގައި ހިންގި 4 މައްސަލައަކާއި، އެހެން މީހެއްގެ ސިފަ ޖެހިގެން ހިންގި މަކަރުހެދުމުގެ އެއް މައްސަލައިގެ އިތުރުން، އެހެނިހެން ބާވަތުގެ 4 މައްސަލައެއް ހިމެނެއެވެ.

ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމު މިންގަނޑަށްވުރެ މާ ބޮޑަށް ރަނގަޅު ރޭޓުތަކުގައި ބޭރު ފައިސާ ވިއްކަން އިޝްތިހާރުކުރާނަމަ، އެއީ އޮޅުވާލުމަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ފުލުހުން ހަނދާންކޮށްދިނެވެ.