ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިޔާމް ވިދާޅުވީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 2 ނޮވެމްބަރު 2026 ވީ ހޯމަ ދުވަހުގެ ރޭ 21:59 ހާއިރު ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅިގެން ޝާހިދު ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، މީސްމީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ އަބުރު ދުއްވާލުމުގެ ބޭނުމުގައި ކުރެވޭ ސިޔާސީ އަދި ޙަޤީޤަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އިޝްތިހާރު އިޝްތިހާރު

އަބްދުﷲ ޝާހިދަކީ އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާ ބޭފުޅެކެވެ.

މި މައްސަލައިގެ އިތުރު ތަޙުޤީޤު ފުލުހުން އަދިވެސް ކުރިއަށް ގެންދާއިރު، އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުންނާއި އިސް ބޭފުޅުން ދަނީ މި ހައްޔަރަކީ ސިޔާސީ މަޤުޞަދެއްގައި ކޮށްފައިވާ ހައްޔަރެއް ކަމަށް ބުނަމުންނެވެ. ނަމަވެސް ފުލުހުން ވިދާޅުވީ މި މައްސަލަ ބަލަމުން ދަނީ ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ.