ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ކުންފުންޏަކުން ދިން 200,000 އަށް ވުރެ ގިނަ ރުފިޔާ ޓެކުމުގެ މައްސަލައިގައި، މާލޭ މ. އައްސިދަ، މުޙައްމަދު ސަޢީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމާއެކު އެ ފައިސާ އަނބުރާ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އޭނާ އަކީ ޖުމްހޫރީ ޕާޓީގެ އިސް އެކްޓިވިސްޓެކެވެ.
މި މައްސަލައިގައި މުޙައްމަދު ސަޢީދު ނުވަތަ އާންމު ނަމުން ނަމަ ބޮކި ސައީދުގެ މައްޗަށް ދައުލަތުން އުފުލީ ޓެކުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައި ވަނީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ގަތުމަށްޓަކައި، އެ ކުންފުނީގެ އެކައުންޓުން ސަޢީދުގެ ބޭންކު އޮފް މާލްޑިވްސް (ބީއެމްއެލް) އެކައުންޓަށް 203,500 ރުފިޔާ ޖަމާކުރުމުން، އެ ފައިސާއަށް ޑޮލަރު ހޯދުމަށްފަހު އެ ކުންފުންޏާ ޑޮލަރު ޙަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ރައްދުކޮށްދީފައި ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އާދަމް މުޙައްމަދު ބެއްލެވި މި މައްސަލައިގެ ޙުކުމުގައި ފާހަގަކުރައްވާފައި ވަނީ، އައިމޯ ކުންފުނިން ފޮނުވި ފައިސާއަށް ޑޮލަރު ގަތުމަށްފަހު، އެ ޑޮލަރު އައިމޯއާ ޙަވާލުނުކުރާ ކަމަށް ސަޢީދު ޝަރީޢަތުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް ވީ ގޮތެއް އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސާފުކޮށްދެވިފައި ނުވާތީ، މިއީ އޮޅުވާލައިގެން މުދާ ނިގުޅައިގަތުން ކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މުޙައްމަދު ސަޢީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 203,500 ރުފިޔާ، ޙުކުމް ކުރި ދުވަހުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް އައިމޯ އެންޓަޕްރައިސަސްއަށް ދައްކައި ޚަލާޞްކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.