ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާއާއި، އެ ވިޔަފާރިތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސް އަޅައިކެނޑޭނެ ހާއްސަ އިންތިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މި އިންތިޒާމުގެ ދަށުން ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު ބާކީ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

އަނެއްކޮޅުން، އެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަވާނަމަ، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅާކެނޑުމަށްފަހު ބާކީ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކައިދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.