ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެން ޖެހި ނުލިބި ހުރި ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާއާ އަޅައިކަނޑައިދިނުމުގެ އުސޫލު އެ އިދާރާއިން އާންމުކޮށްފި އެވެ.
މީރާއިން މިއަދު އާންމުކޮށްފައިވާ އުސޫލުގައި ބުނީ އެ އުސޫލުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ދައުލަތުން ލިބޭން ޖެހޭ ފައިސާ މީރާއަށް ދައްކާން ޖެހޭ އަދަދުތަކާ ފަސޭހަކަމާއެކު ހަމަޖައްސައިދިނުން ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކުހަށް ލުއިތަކެއް ދޭނެކަން އިއުލާނުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މީރާގެ އުސޫލުގައިވާ ގޮތުން ފައިސާ އަޅައިކަނޑައިދިނުމަށް އެދި ހުށަހަޅަން ޖެހެނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް ކަމަށްވާ "މީރާކަނެކްޓް" މެދުވެރިކޮށެވެ. މީގެ އިތުރުން މީރާގެ 904 ނަންބަރު ފޯމު ނުވަތަ އެޖަސްޓްމަންޓާއި ރީފަންޑަށް އެދޭ ފޯމު ފުރުމަށްފަހު އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ހިދުމަތަށް އެދޭއިރު ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން ލިބޭން ޖެހޭ ފައިސާގެ ފުރިހަމަ ތަފުސީލު ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާއަކުން ލިބޭން ޖެހޭ ފައިސާއެއް ނަމަ އެކަން ކަށަވަރުކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށާއި ސަރުކާރު ކުންފުންޏަކުން ލިބޭން ޖެހޭ ފައިސާއެއްނަމަ އެކަން ކަށަވަރުކުރާނީ ސީދާ އެ ކުންފުންޏަކުންނެވެ.
ފައިސާ އަޅައިކަނޑައިދިނުމުގައި މީރާއިން އަމަލުކުރާނީ ވަކި ހާއްސަ ތަރުތީބަކުން ކަމަށް އުސޫލުގައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އަޅައިކަނޑާނީ މީރާއަށް ނުދައްކައި އޮތް އަސްލު ފައިސާ ނުވަތަ ޕްރިންސިޕަލް އަދަދަށެވެ. އޭގެ ފަހުން ޖޫރިމަނާއަށާއި އިންޓަރެސްޓަށް ފައިސާ ހަމަޖައްސައިދޭއިރު، ދައްކާން ޖެހޭ ޕްރިންސިޕަލް އަދަދެއް ނެތްނަމަ، ސުންގަޑި ހަމަނުވާ މުއްދަތުތަކަށް ދައްކާން ޖެހޭ ފައިސާއާ ވެސް އަޅައިކަނޑައިދެވޭނެ ކަމަށް މީރާއިން ބުންޏެވެ.
މި އުސޫލުގެ ދަށުން އެއްވެސް ފައިސާއެއް އަޅައިކަނޑައިދެވުނު ކަމަށް ބަލާނީ، ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން އެ ފައިސާއެއް މީރާއަށް ޖަމާކުރުމުން ކަމަށް އުސޫލުގައިވެއެވެ، އަދި ވިޔަފާރިތަކުން ފައިސާ ދެއްކި ތާރީހުގެ ގޮތުގައި މީރާގެ ރެކޯޑުތަކުގައި ހިމަނާނީ މީރާއަށް އެ ފައިސާ ރަސްމީކޮށް ލިބޭ ތާރީހު ކަމަށްވެސް ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.