ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، "މޯލްޑިވްސް ގްރީން އިންފޮމޭޝަން ސިސްޓަމް" (އެމްޖީއައިއެސް) އާ އެ ފަރާތްތަކުގެ ނިޒާމުތައް ގުޅުވައިލުމަށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބަދަލު ގެނެސްފިއެވެ.

އެމްޖީއައިއެސް އަކީ ރާއްޖޭގައި ގްރީން ޓެކްސް ބަލައިގަތުމާއި، އެ ޓެކުހާ ގުޅުންހުރި އެންމެހައި މުއާމަލާތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި އެކުލަވައިލާފައިވާ ޒަމާނީ ނިޒާމެކެވެ. މި ނިޒާމު މިދިޔަ އޮކްޓޫބަރު 1 އިން ފެށިގެން ތައާރަފުކޮށް، އަމިއްލައަށް އެދިގެން ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މީރާއިން މިއަދު އާންމުކުރި އައު އުސޫލުގައިވާ ގޮތުން، މި ނިޒާމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން، ފުރަތަމަ ބެޗުގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކުގެ އިތުރުން 50 ކޮޓަރިއަށް ވުރެ ގިނަ އަދަދެއްގެ ކޮޓަރި ހުންނަ ގެސްޓްހައުސްތަކެވެ. މި ފަރާތްތަކުގެ ޓެކްސް އަދާކުރަންޖެހޭ މުއްދަތު 1 ނޮވެމްބަރު 2026 ގައި ފެށޭއިރު، މައުލޫމާތު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ޑިސެމްބަރު 2026 އެވެ. އަދި މި ބެޗުގެ ވިޔަފާރިތަކުން ސިސްޓަމް އިންޓަގްރޭޝަން މަރުހަލާ އެއްކޮށް ފުރިހަމަކުރުމުގެ އެންމެ ފަހު ތާރީހަކީ 1 އޭޕްރީލް 2027 ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

ދެވަނަ ބެޗުގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ އެހެނިހެން ހުރިހާ ވިޔަފާރިތަކެވެ. މި ބެޗަށް ޓެކްސް އަދާކުރަންޖެހޭ މުއްދަތު 1 ޖަނަވަރީ 2027 އިން ފެށިގެން ހިނގާއިރު، މައުލޫމާތު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ 2027 އެވެ. އަދި މި ފަރާތްތަކަށް ސިސްޓަމް އިންޓަގްރޭޓް ކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި ދީފައިވަނީ 1 ޖުލައި 2027 އެވެ.

މީރާއިން ބުނީ މި މުއްދަތުތަކަށް ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ވިޔަފާރިތަކަށް އެމްޖީއައިއެސް ނިޒާމާ ފަސޭހަކަމާއެކު ގުޅި، ޓެކްސް ދެއްކުމުގެ އެންމެހައި އިޖުރާއާތުތައް އެއްވެސް ދަތިކަމެއް ނެތި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެކަށޭނަ ވަގުތު ތަނަވަސްކޮށްދިނުމެވެ.

އެހެންކަމުން ގްރީން ޓެކްސް ދައްކާ ހުރިހާ ފަރާތްތަކުން ވެސް އެ ފަރާތަކާ ގުޅޭ ސުންގަޑިތަކަށް ފުރިހަމައަށް ސަމާލުވެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.