މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭގޮތުން މީރާއިން އެކުލަވައިލި އުސޫލުގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިސާ ލިބެންޖެހިފައިވާ ފަރާތްތަކަށް، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ އެ އަދަދުތަކާ އަޅައިކެނޑުމުގައި ޢަމަލުކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.
މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ދައުލަތުން ލިބެންޖެހޭ ފައިސާއެއް ވާނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއާ އެ އަދަދު އަޅައިކެނޑުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ޚާއްޞަކޮށް، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބިވާ ބިލްތަކަށް މި އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އެގޮތުން:
މީރާއަށް ދައްކަންޖެހޭ ޓެކްސް، ސަރުކާރުން ލިބެންޖެހޭ ފައިސާއަށްވުރެ ބޮޑުނަމަ: ސަރުކާރުން ދޭންޖެހޭ ފައިސާ އުނިކުރުމަށްފަހު، ބާކީވާ އަދަދު އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭނެއެވެ.
ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހަށްވުރެ ބޮޑުނަމަ: ޓެކުހަށްވާ ފައިސާ އަޅައިކެނޑުމަށްފަހު، ބާކީވާ އަދަދު ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކައި ޚަލާޞްކުރާނެއެވެ.
ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅަންޖެހޭނީ 'މީރާކަނެކްޓް' މެދުވެރިކޮށް، ނުވަތަ 'MIRA 904' (އެޖަސްޓްމަންޓް/ރީފަންޑަށް އެދޭ) ފޯމުން، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. މީގެއިތުރުން، ހުށަހަޅާ ފައިސާގެ ތަފްޞީލުތައް އެނގޭނެ ލިޔެކިޔުންތައް ވެސް ހިމަނަންޖެހޭނެއެވެ.
މިގޮތުން ހުށަހަޅާ އަދަދުތަކުގެ ޞައްޙަކަން، ދައުލަތުގެ އިދާރާތަކާ ގުޅޭގޮތުންނަމަ މާލީ ވުޒާރާ މެދުވެރިކޮށް، އަދި ސަރުކާރު ހިއްސާވާ ކުންފުންޏެއްނަމަ އެ ކުންފުންޏެއް މެދުވެރިކޮށް މީރާއިން ކަށަވަރުކުރާނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލާނީ މާލީ ވުޒާރާއިން ޝާއިޢުކޮށްފައިވާ ދަފްތަރުގައިވާ ގޮތުގެ މަތިންނެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ފައިސާ އަޅައިކަނޑައިދިނުމުގައި އިސްކަންދޭނީ ނުދައްކައިވާ މުއްދަތުގެ ތަރުތީބުން ޕްރިންސިޕަލް އަދަދަށާއި، ޖޫރިމަނާ އަދި އިންޓްރެސްޓަށެވެ. އަދި ދައްކަންޖެހި ނުދައްކާ އޮތް ޕްރިންސިޕަލް އަދަދެއް ނެތް ޙާލަތްތަކުގައި، ސުންގަޑި ހަމަނުވާ މުއްދަތުތަކުގެ ފައިސާއާވެސް އަޅައިކެނޑޭނެއެވެ.
ފައިސާ އަޅައިކަނޑައިދެވޭނީ ކަމާބެހޭ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް އެ ފައިސާ ޖަމާކުރުމުން ކަމަށާއި، ފައިސާ ދެއްކި ތާރީޚު ކަމުގައި ބެލެވޭނީ މީރާއަށް ފައިސާ ލިބޭ ތާރީޚު ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ. ވީމާ، މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާތީ، ވިޔަފާރިތަކުން މި އިންތިޒާމަށް ސަމާލުކަން ދެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.