ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
އެ މަގާމަށް ޝަފްނީޒް އައްޔަންކުރެއްވިކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ މިއަދު އާންމުކޮށް އިއުލާންކޮށްފައެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 19 އޮކްޓޯބަރު 2026 ގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވަނީ އޭނާ އައްޔަންކުރަން ވޯޓު ދެއްވާފައެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒްގެ އިތުރުން ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި ކަނދުގަސްދޮށުގެ މަރިޔަމް ޖައިދާއެވެ.
މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއުކޮށް މާކްސް ދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން، މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ 96.20 ޕަސެންޓް މާކްސް ހޯއްދެވި ޝަފްނީޒް އަށެވެ.
އެހެންކަމުން އެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ކޮމިޓީން ފާސްކޮށް، އެ މައްސަލަ ދިރާސާކުރި ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުން އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތަށް ވޯޓަށް އަހައިގެންނެވެ.
ޝަފްނީޒަކީ މީރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.