ކަނޑުމަގުން ގެންދިއުމަށްޓަކައި މުދާ ހުރިގޮތަށް ކްލިއަރކުރާ (އެފްސީއެލް) ކޮންޓެއިނަރުތަކުގެ މަސައްކަތް، ތިލަފުށީ ކާގޯ ކްލިއަރެންސް ޓާމިނަލުން މިއަދުން ފެށިގެން ދޭން ފަށައިފިއެވެ.
މި ބަދަލާއެކު، ވިޔަފާރިވެރިންނަށް މުދާ ކްލިއަރކުރުމުގެ އިންތިޒާމުތައް ކުރިއާލައި ރޭވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އިލްތިމާސްކޮށްފައެވެ.
Maldives Ports Limited@Portmv27 އޮކްޓޫބަރު 2026ވަނަ ދުވަހުން ފެށިގެން، ކަނޑުމަގުން ގެންދިއުމަށްޓަކައި މުދާ ހުރިގޮތަށް ކްލިއަރކުރާ (FCL) ކޮންޓެއިނަރުތަކުގެ މަސަކަތް ކުރާނީ ތިލަފުށީ ކާގޯ ކްލިއަރެންސް ޓާމިނަލުންނެވެ.
ޚިދުމަތް ދޭނެ ގަޑިތަކާއި ފެރީ ޝެޑިއުލްގެ ތަފްޞީލު ބައްލަވާލައްވައި، މުދާ ކްލިއަރ ކުރުމުގެ …

ތިލަފުށީ ކާގޯ ޓާމިނަލުން މުދާ ކްލިއަރކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށެވެ. އަދި ކަސްޓަމްސް އިންސްޕެކްޝަންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.
މި ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ދަތުރުފަތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފެރީ ދަތުރުތައްވެސް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މާލޭ ނޯތު ހާބަރު ޖެޓީން ތިލަފުއްޓަށް ފުރާނީ ހެނދުނު 8:00، މެންދުރު 1:00 އަދި ހަވީރު 4:15 ގައެވެ. އަދި ތިލަފުށީ ޕޯޓް ފެރީ ޖެޓީން މާލެއަށް ފުރާނީ ހެނދުނު 11:00، މެންދުރުފަހު 3:00 އަދި ހަވީރު 5:00 ގައެވެ.
މީގެ ކުރިން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވީ، ތިލަފުށީގައި ޤާއިމުކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތަކާއި، މުދާ ބޯޓަށް ލޯޑުކުރުމުގެ ޚިދުމަތްވެސް ތިލަފުށިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީޤު އިތުރަށް ވިދާޅުވީ، މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެއިތުރުން، އޮކްޓޫބަރު މަހުން ފެށިގެން މާލެއާއި ތިލަފުށީގެ ދެ ބަނދަރުގައިވެސް އެއްވަރަކަށް މަސައްކަތް ހިނގާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލަކީ މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އިމްޕޯޓް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހިއްސާކުރުމަށް އެމްޕީއެލްގެ އިސްވެރިން ބޭއްވެވި ބައްދަލުވުމެއްގައި، ބަނދަރުގެ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ބަދަލުވެގެންދާނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ވަނީ ވިޔަފާރިވެރިންނަށް ފޯރުކޮށްދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.