މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ޤަވާޢިދުގެ ދަށުން ނޫސްތައް އަލުން ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު 3 މަސްދުވަހަށް އެ ކޮމިޝަނުން އިތުރުކޮށްފިއެވެ.

އެމްއެމްބީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ނޫސްތައް އަލުން ރަޖިސްޓްރީކުރަން ދިން 6 މަސްދުވަހުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތަށް އިތުރު 3 މަސްދުވަސް އިތުރުކުރަން ކޮމިޝަނުން މިހާރު ވަނީ ނިންމައިފައެވެ.

އެ ކޮމިޝަނުގެ އިޢުލާނުގައިވާ ގޮތުން، ހުރިހާ ނޫސްތަކަކުން އަލުން ރަޖިސްޓްރީވާން ޖެހޭ އެންމެ ފަހު ވަގުތަކީ އަންނަ ޖަނަވަރީ މަހުގެ 28ވަނަ ދުވަހުގެރޭ 11:59 އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަލުން ރަޖިސްޓްރީ ނުކުރާ ނޫސްތަކާއި މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށްވެސް އެމްއެމްބީސީން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގައި ހިންގާ ނޫސްތައް މީގެ ކުރިން ރަޖިސްޓްރީކުރަން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވުޖޫދުވުމަށްފަހު، ނޫސްތައް ރަޖިސްޓްރީކުރުމާއި ދަފްތަރު ބެލެހެއްޓުމުގެ މުޅި ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކޮމިޝަނާއެވެ.