ރެކޯޑް އަދަދަކަށް މީހުން ވޯޓްލާން ނުކުތުމުން އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު ނަތަންޔާހޫ "ޕެނިކް" ވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކުރަމުން އެބަދެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މީގެކުރީގެ އިންތިޚާބުތަކުގައި ވޯޓްލާން ނުނިކުންނަހާ މިންވަރަށް ގިނައިން މީހުން ވޯޓްލާން ނުކުމެފައި ވެއެވެ. ވޯޓްލާން ފަށައި އިސްރާއީލު ގަޑިން ހެނދުނު ދިހައެއް ޖެހުމާ ހަމައަށްވެސް ރެކޯޑް މިންވަރަށް މީހުން ވޯޓްލާފައި ވެއެވެ.
އަދި ހަވީރު 4 ޖެހުމާހަމައަށް 55.7 އިންސައްތަ މީހުން ވޯޓްލާފައިވާ ކަމަށާއި، މިއީވެސް ރެކޯޑް މިންވަރެއް ކަމަށް މީޑިއާއިން ބުނެއެވެ.
ވޯޓްލާން ގިނަ ބަޔަކު ނުކުމެފައި ވުމާއި، ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ނަތަންޔާހޫ ކުރަމުންދާ ތުހުމަތު ތަކާއެކު ވޯޓުލާ ގަޑި ރޭގަނޑު 10 ޖަހަންދެން އިތުރުކުރަން ނަތަންޔާހޫގެ ލިކޫޑް ޕާޓީން ހުށަހަޅާފައިވާ ކަމަށް އިސްރާއީލުގެ ޗެނަލް12 ޓީވީން ބުނެފައި ވެއެވެ.
ޚާއްސަކޮށް އިސްރާއީލުގެ އަރަބި ނަސްލުގެ މީހުން ގިނައިން ވޯޓްލާން ނުކުންނާތީ، އެ މަންޒަރުތަކުގެ ފޮޓޯތައް ހިމަނައިގެން ނަތަންޔާހޫއާއި އޭނާގެ ކޯލިޝަންގައި ހިމެނޭ ހަރުކަށި ޕާޓީތަކުން އެއީ "ނުރައްކަލެއް" ކަމަށް ބުނެ އިންޒާރު ދެމުންވެސް އެބަ ގެންދެއެވެ.
ވޯޓުލާ ތަންތަނުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ބަޑިހިފައިގެން ތިބި މީހުން ވޯޓު ބޫތުތައް ކައިރީގައި ވޯޓުލާން ހުރަސްއަޅަމުން ގެންދާ މަންޒަރާއި، އެކި ޕާޓީތަކުގެ ސަޕޯޓަރުން މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާންމުވަމުން އެބަދެއެވެ.
އަދި އިސްރާއީލުގެ ފަލަސްތީނު ނަސްލުގެ މީހުންނަށް ހަމަލާދިނުންވެސް އިތުރުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ލީޑަރު ޔައިރް ގޯލާންއަށް މީހަކު ވަޅިން ހަމަލާދޭން އުޅުނު މަންޒަރުގެ ވީޑިއޯވެސް އާންމުވެފައި ވެއެވެ.
އިންތިޚާބުގައި ނަތަންޔާހޫގެ އެންމެބޮޑު ވާދަވެރިޔާ ގާޑީ އެއިޒެންކޮޓް އިސްރާއީލު އާންމުންނަށް ތަކުރާރުކޮށްވަނީ، ނަތަންޔާހޫއަށް ވޯޓު ނުދިނުމަށް އިލްތިމާސް ކޮށްފައެވެ. އޭނާ އަންގަނީ ނަތަންޔާހޫގެ ވަކިތަކުން އިސްރާއީލު މިންޖުކޮށް އިސްރާއީލު ސަލާމަތް ކުރެވޭނީ އޭރުން ކަމަށެވެ.
އިސްރާއީލު ޕާލަމެންޓުގައި 120 ގޮނޑި ހިމެނޭއިރު، ޕާޓީއަކުން އެކަނި ސަރުކާރެއް އުފައްދަން 61 ގޮނޑި ކާމިޔާބު ކުރަންޖެހެއެވެ. އެހެން ނަމަވެސް، އެއްވެސް ޕާޓީއަކަށް އެ ވަރަށް ގޮނޑި ލިބުމަކީ ނާދިރު ކަމެއް ކަމަށް ވެއެވެ. އެއީ، ކުރިން ވެފައިވާ ކަމަކަށް ނުވާތީއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް މިރޭގެ ވަގުތުގައި އާންމުކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މާގިނަމީހުން ވޯޓުލާން ނުކުތުމުން ނަތަންޔާހޫ "ޕެނިކް" ވެއްޖެ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.