އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް، މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ، އިސްރާއީލުގެ އާމީ ރޭޑިއޯއަށް ދިން އިންޓަރވިއުއެއްގައެވެ.
އިސްރާއީލުގައި އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބުގެކުރިން އީރާނަށް އިސްވެ ހަމަލާދިނުމަށް ނަތަންޔާހޫ މަގުފަހި ކުރަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ، އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާދޭން އޭނާ މަސައްކަތް ނުކުރާ ކަމަށެވެ.

އިސްރާއީލު މީހުންގެ މެދުގައި ނަތަންޔާހޫގެ މަގްބޫލްކަން ކުޑަވެފައި ވުމާ ގުޅިގެން އާންމުންގެ ތާއީދު ހޯދުމަށް އީރާނަށް އިސްވެ ހަމަލާ ދީފާނޭ ކަމުގެ އެތައް ރިޕޯޓްތަކެއް ފެތުރެމުން ގޮސްފައި ވެއެވެ.
އަދި އީރާނަށް ހަމަލާ ދިނުމާ ގުޅޭގޮތުން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މިދިޔަ ދެ ހަފްތާ ތެރޭގައި އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށްވެސް ރިޕޯޓްތައް އާންމުވެފައި ވެއެވެ.
މީގެއިތުރުން، އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ވެރިންނާ ސިއްރު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް، އިސްރާއީލު މީޑިއާއިންވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާ ދޭން މަސައްކަތް ނުކުރާ ކަމަށް ނަތަންޔާހޫ ބުނިއިރު، އީރާނަށް ހަމަލާދޭނޭ ކަމަށް ބުނުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕްވެސް ފަހުން ބުނެފައިވަނީ، ނޮވެމްބަރު 3 ގައި އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބުގެކުރިން އީރާނަށް ހަމަލާދޭން ނުވިސްނާ ކަމަށެވެ.
އެހެން ނަމަވެސް، ދުޝްމަނުންގެ ވާހަކަތަކަށް ނުހެއްލި، އީރާނު މިހާރުވެސް އޮތީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުގެ ވެރިންނާއި، އަސްކަރިއްޔާގެ ވެރިން ވިދާޅުވެއެވެ.
މުޖުރިމު ނަތަންޔާހޫގެ އިންޓަރވިއުގައި އީރާނާއި، އީރާނާ ގުޅިފައިވާ ޖަމާއަތްތަކަށް އިންޒާރުކޮށްފައިވަނީ އިސްރާއީލަށް ހަމަލާ ދީފިނަމަ ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށެވެ.
ނަތަންޔާހޫ ބުނީ، އީރާނުން އިސްވެ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދިނުމަށްފަހު އެކަން އޭނާގެ ބޮލުގައިވެސް އަޅުވަފާނެ ކަމަށެވެ.











ކިޔުންތެރިންގެ ހިޔާލު